ޚަބަރު

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވިޔަސް، ސަފާރީތަކުން ފޭބޭނީ އެޗްޕީއޭގެ ހުއްދައާއެކު: މަބްރޫކު

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވިޔަސް، ސަފާރީތަކުން ފޭބޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމާ ބެހޭގޮތުން އެޗްޕީއޭއިން އާންމުކުރި އުސޫލުގައިވާ ގޮތުން މިހާރުވެސް ފަތުރުވެރިން ތިބި ރަށެއްނަމަ އެރަށުގައި ވަކި ސަރަހައްދެއް ކަރަންޓީން އޭރިއާއެއްގެ ގޮތުގައި ހަމަޖައްސައި އެ ސަރަހައްދުގައި 14 ދުވަސް ހަމަކުރުމަށް ފަހު ކޮވިޑް 19އަށް ނެގެޓިވްވާ މީހުން އެ ރިސޯޓުން ފޭބުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

"ޓުއަރިސްޓުން ތިބި ރަށެއް ކަމުގައިވާނަމަ އެރަށެއްގައި ކަނޑައެޅިދާނެ ކަރަންޓީން އޭރިއާއެއް ވަކިކޮށްފައި އެޗްޕީއޭއާ ވާހަކަ ދައްކައިގެން. އެ އޭރިއާއެއްގައި 14 ދުވަސްވުމަށް ފަހުގައި އެގްޒިޓް ސްކްރީނިން ހެދިގެން ނެގެޓިވް ރިސަލްޓް ލިބޭ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމު އެޗްޕީއޭއިން އޮތީ ރާވާފައި." މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓެއްގައި އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ މިހާތަނަަށް 14 ދުވަސްވެފައިވާނަމަ އަދި މިވީހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް އަދި ބަލީގެ އަލާމާތްތައް ހުރި މީހެއްވެސް، ބައްޔަށް ޝައްކު ކުރެވޭ މީހަކުވެސް ނެތް ރަށެއްކަމުގައިވާނަމަ، އެ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމުވެސް އެޗްޕީއޭއިން އޮތީ ރާވާފައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފާއިތުވި 14 ދުވަސް ތެރޭގައި އެރަށަށް ފަތުރުވެރިން ނާރާ ރިސޯޓުތަކުގައި ތިބޭ މުވައްޒަފުންނާ މެދުވެސް އަމަލުކުރަމުންދާނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

ސަފާރީތަކުން މީހުން ފައިބާނީ އެންމެ ފަހު ފަތުރުވެރިޔާ ފައިބާތާ 14 ދުވަސް ފަހުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

"ސަފާރީތަކުން މީހުން ފައިބާނީ އެންމެ ފަހު ގެސްޓް މީހާ ފައިބާތާ 14 ދުވަސް ފަހުން." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރިސޯޓުތަކުންވެސް އަދި ސަފާރީތަކުންވެސް މީހުންނަށް ފޭބޭނީ އެޗްޕީއޭއިން ދޭ ހުއްދަ ދިނުމުން ކަމަށެވެ. ނަމަވެސް ހާއްސަ ހާލަތްތަކާ ގުޅިގެން ދޭ ހުއްދަތައް މިހާރެކޭވެސް އެއްގޮތަށް ދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.