ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ތެރެއިން ރެޖިސްޓާކުރީ 8058 މީހުން ކަމަށާއި އޭގެ ތެރެއިން ރާއްޖެ ނުގެނެވި ތިބީ 7501 މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންގެ ތެރެއިން ފޮރިން މިނިސްޓްރީގައްޔާއި އެގައުމުތަކުގައި ހުންނަ ހައި ކޮމިޝަންތަކާއި އެމްބަސީތަކުގައި ރަޖިސްޓާކޮށްފައިވަނީ 8058 ފަރާތެއްކަމަށާއި އޭގެ ތެރެއިން ބައެއް ފަރާތްތައް ރާއްޖެ އައިސްފައިވާ ކަމަށެވެ.
"ރާއްޖޭން ބޭރުގައި މިވަގުތު ރެޖިސްޓާކޮށްފައި ތިިބި މީހުންގެ އަދަދަކީ 8058. އޭގެ ތެރެއިން ކޮންމެވެސް ވަރަކަށް މީހުން މިވަނީ ރާއްޖެ އައިސްފައި. މިވަގުތު ރެޖިސްޓާ ކުރި މީހުންގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިބީ 7501،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭއިރު އަދިވެސް ޕޯޓަލުގައި ރަޖިސްޓްރީ ނުވެ ގިނަ ދިވެހިން ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އެފަރާތްތައް ދަތި ހާލަތެއް މެދުވެރިވެއްޖެނަމަ އެފަރާތްތަކުގެ އާއިލާއިން ވެސް އަދި އެނޫންވެސް ގޮތްގޮތުން ފޮރިން މިނިސްޓްރީއަށް އަންގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން ބޭރުގެ ގަައުމުގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި އެތައް ދިވެހިންނެއް ތިބިއިރު ސަރުކާރުން ވަނީ އެމީހުން ގެނެވޭނެ ގޮތެއް ވެއްޖެނަމަ ގެންނާނެ ބުނެފައެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމެއްގައި ހުރި ދިވެއްސެއްގެ ފުރާނައަށް ނުރައްކާވާ ހާލަތަށް ކަންކަން ގޮސްފިނަމަ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް އެމީހަކު ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.