އިންޓަނެޓުގެ އަގުތަކަށް ގެންނަ ބަދަލުތައް މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން މާދަމާ އިއުލާނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް 19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް ފެށޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން ސަރުކާރުން ޓެލެކޮމް ކޮމްޕެނީތަކާ ދައްކަން ޖެހޭ ވާހަކަދައްކައި ވަނީ ނިމިފައި. އަދި މިއާއެކު ގެންނަ ބަދަލުތައް ފެށޭނީ އޭޕްރީލް 1 އިން ކަމަށް އަޅުގަނޑުމެންނަށް މި އެނގެނީ. މިކަމާ ގުޅިގެން ޓެލެކޮމް ކޮމްޕެނީތަކުން މާދަމާ އާއި އޭގެ އަނެއް ދުވަހުގެ ތެރޭގައި އެ ގެންނަ ބަދަލުތަކަކީ ކޮބައިކަން ހާމަކޮށްދޭނެ. އެ ބޭފުޅުން ޖޮއިންޓް ޕްރެސްތަކެއްގައި އެކަން ކުރައްވާނެ." މަބްރޫކް ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން އިންޓަނެޓް އަގު ހެޔޮކުރުމުގެ އަޑުގަދަވެފައިވާ އިރު، ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގައި އިންޓަނެޓް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ އިންޓަނެޓްގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމާފައިވަނީ 2023 ވަނަ އަހަރުގައި ކަމަށެވެ.