ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިގެން ސަފާރީއެއް މޮނީޓަރީންގެ ހާލަތަށް ގެނެސްފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މޯލްޑިވިއަން ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ.
"މޯލްޑިވިއަން ސަފާރީ ކިޔާ ސަފާރީ ބޯޓެއް، އެ ބޯޓުގައި ހުރި ދިވެއްސެއް ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގުމަށްޓަކައި މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.
އެ އުޅަނދުގެ އިތުރުން މިހާރުވެސް ހަތަރު އުޅަނދެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ ވީއެސްޖީ ގްލޯރީ ކާގޯ، އާކް ނޯބަލް ސަފާރީ، އައިލެންޑް ސަފާރީ އަދި އެސްވައި ސްޓާސް އެންޑް ސަފާރީއެވެ.
ރާއްޖެއިން ކޮވިޑް 19އަށް 17 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ކަރަންޓީނުގައި ތިބުމަށްފަހު އެ ދެމީހުން ފުރައިގެންދިޔަ ފަހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހި ދެ މީހަކު ވެސް ހިމެނެއެވެ. އަދި ރާއްޖޭގައި ފަރުވާދެމުން އައި 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.