ޚަބަރު

ޑުރަގް ނެޓްވޯކެއްގައި އިސްކޮށްހުރި ކަމަށް ބުނާ އަރުޝަދު ދޫކޮށްލައިފި، އިތުރު ތިން މީހެއްގެ ބަންދަށް 10 ދުވަސް

އަލީ ޔާމިން

މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށްހުރި އަރުޝަދު ހާލިދު ކޯޓުން ދޫކޮށްލައިފިއެވެ.

ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.

އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އެ މައްސަލައިގައި ޕީޖީ އޮފީހުގެ ފަރާތުން އަރުޝަދުގެ މައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅަން ނިންމާފައިކަމަށެވެ.

އެގޮތުން މިއަދު މެންދުރު 12:00ގައި ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އަރުޝަދު ހާޒިރުކުރުމުން އޭނާ ޝަރުތުކޮށް ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ގދ. ހޯނޑެއްދޫ/ އިރުމަތީގެ، އަހުމަދު ސުނައިދު އާއި ގދ. ހޯނޑެއްދޫ/ މެޑްރިޓްހައުސް، އަހުމަދު ގިޔާސް އަދި ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު ވަނީ ރިމާންޑު ޖަލެއްގައި 10 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކުރިމިނަލް ކޯޓު އަމުރެއްގެ ދަށުން އެކައުންޓް ފުރީޒް ކޮށްފައިވާ ކަމަށެވެ.