ކޮވިޑް 19އާ ގުޅިގެން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ނުގެންގޮސް، ފުޓުބޯޅަ ސީޒަން ނިންމާލައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 20-2019 ސީޒަނުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕު ނުބާއްވައި ސީޒަން ނިންމާލުމަށް ނިންމި ނަމަވެސް، ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.
އެފްއޭއެމުން ބުނީ ރާއްޖެއިން ވެސް ކޮވިޑް 19 ފެނިފައިވާތީއާއި ކުރިން ހީކުރި ގޮތާ ހިލާފަށް އެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރެމުންދާތީ ދިވެހި ސަރުކާރާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުން އަންނަ އިރުޝާދަށް އަމަލުކުރުމުގެ ގޮތުން އެފްއޭއެމްގެ މެންބަރު ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަމާއި އަދި އާންމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި ފުޓުބޯޅަ ސީޒަނުގައި ބައިވެރިވެފައިވާ ކްލަބުތަކާ މަޝްވަރާކުރުމަށްފަހު 20-2019ގެ ސީޒަން ނިންމާލަން ނިންމާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ކަށަވަރުވެފައިވަނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށެވެ. އަދި ލީގުގެ ރަނަރަޕް ކްލަބު އީގަލްސްއަށް އޭއެފްސީ ކަޕުގެ ޕްލޭއޯފުން ވަނީ ފުރުސަތު ލިބިފައެވެ.
އެފްއޭއެމްގެ ކަލަންޑަރުގައި ހިމެނޭ 20-2019ގެ ދިވެހި ޕްރިމިއާ ލީގާއި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ވަނީ ނިމިފައެވެ. އަދި އެފްއޭ ކަޕު ކުރިއަށް ނުގެންގޮސް ނިންމާލާފައި މިވަނީ ސެމީ ފައިނަލާ ހިސާބަށް ގޮސްފައިވަނިކޮށެވެ.
ފުޓުބޯޅަ ސީޒަން ނިންމާލި ނަމަވެސް، މިއަހަރު ބާއްވަން ތާވަލުކުރި ޖަޒީރާ ފުޓުބޯލް ޗެމްޕިއަންޝިޕް ފަހުގެ ތާރީހެއްގައި ބާއްވާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.