ރިސޯޓު މުވައްޒަފުން ނޯ ޕޭއަށް ފޮނުވާލި ރިސޯޓްތަކާއި މުސާރަ ދަށް ކުރި 58 ރިސޯޓު ހިމެނޭ ލިސްޓެއް، ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އާންމުކޮށްފި އެވެ.
ޓީމުން ބުނީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހީނަރުކަމާ ގުޅިގެން ގާތްގަނޑަކަށް 11000 ވަރަކަށް މުވައްޒަފުންގެ ވަޒީފާ ގެއްލި އަދި މުސާރަ ދަށްކޮށްފައިވާ ކަމަށެވެ. އަދި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ޓީމުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމަކީ، ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.
އެހެންކަމުން މުސާރަ ދަށްކޮށް ނޯ ޕޭއަށް ފޮނުވި ނަމަވެސް ރިސޯޓުން ފައިބައިގެން ނުދިއުމަށާއި އަސާސި މުސާރަ ލިބޭނެކަމުގެ ޔަގީންކަން ހޯދައިގެން ނޫނީ ރިސޯޓުން ނުދިއުމަށް ވެސް ރިސޯޓުތަކުގެ މުވައްޒަފުންނަށް ޓީމުން ވަނީ ގޮވާލައިފައެވެ.
ކޮވިޑް 19އާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދު ދަށްވެފައިވާ މި ދުވަސްވަރު ރާއްޖެއަށް އަންނަ އިގްތިސާދީ ލޮޅުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިގްތިސާދީ ޕެކޭޖެއް އިއުލާނުކޮށްފައެވެ. އެ ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް 350 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ނިންމައިފައެވެ.