ވޯލްޑް ހެލްތް އޯގަނައިޒޭޝަން

10 ސިކުންތު ވަންދެން ނޭވާ ހިފެހެއްޓުނަސް ކޮވިޑް ނެތް ކަމަކަށް ނުނިންމޭނެ: ޑަބްލިއުއެޗްއޯ

މިންހާ ފާއިޒް ރަޝާދު

10 ސިކުންތު ވަންދެން ނޭވާ ހިފަހައްޓައިގެން ހުރެވުނަސް ކޮވިޑް ނެތް ކަމަކަށް ނުނިންމޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ރޭ ކުރި ޓުވީޓެއްގައި ބުނީ 10 ސިކުންތު ވަންދެން ނޭވާ ހިފެހެއްޓުން، ނުކެއްސައި ނުވަތަ އެއްވެސް އުނދަގުލެއް ނުވުން އެއީ ކޮވިޑް ނެތް މީހެއް ކަމަށް ނިންމޭނެ ސަބަބުތަކެއް ނޫން ކަމަށެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނީ ކޮވިޑް19ގެ އެންމެ އާންމު އަލާމާތަކީ ހިކި ކެއްސުމާއި، ހުން އައުން އަދި ވަރުބަލިވުން ކަމަށެވެ. ބައެއް މީހުނަށް ބޮޑުވަރުވެ ނިއުމޯނިއާ ޖެހެއެވެ.

ކޮވިޑް19 ހުރިކަން ޔަގީންކުރެވޭނެ ގޮތަކީ ލެބޯޓްރީ ޓެސްޓެއް ކުރުން ކަމަށާއި ނޭވާ ހިފައްޓައިގެން ކުރާ ކަސްރަތަކުން އެކަން ނޭނގޭނެ ކަމަށާއި އެއީ ނުރައްކާ ކަމެއް ކަމަށްވެސް ޑަންލިޔުއެޗްއޯގެ އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ކޮވިޑް19 އަށް ޓެސްޓު ކުރުމަށް އެކި ކަހަލަ ޓެސްޓު ކިޓްތައް ވަނީ އުފައްދާފައެވެ. ބައެއް ކިޓްތަކުން ނަތީޖާ ފަސް މިނެޓް ތެރޭގައިވެސް ލިބެއެވެ. ރާއްޖޭގައި ބޭނުންކުރަނީ މިވަގުތަށް ލިބެން ހުރި އެންމެ ރަނގަޅު އަދި އިތުބާރު ބޮޑު ޓެސްޓު ކިޓުތައް ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި ކޮވިޑް19 އަށް 720000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވާއިރު 33000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 151000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. ރާއްޖޭގައިވެސް ޕޮޒިޓިވް ދެ ދިވެހިން ފިޔަވައި އެެހެން އެންމެން ފަސޭހަ ވެފައިވާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޑޮކްޓަރުން ވަނީ ބުނެފައެވެ.