ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނާ ވީޑިއޯ ކޮންފަރެންސިން މެދުވެރިކުރައްވައި ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ ވީޑިއޯ ކޮންފަރެންސިން މެދުވެރިކުރައްވައި ބައްދަލުކުރައްވައިފި އެވެ.

ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އިސް ބޭފުޅުންނާ ވީޑިއޯ ކޮންފަރެންސިން މެދުވެރިކުރައްވައި މިނިސްޓަރު ޝާހިދު ބައްދަލުވުކުރައްވާފައިވަނީ ރޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ވީޑިއޯ ކޮންފެރެންސް ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހުރިހާ ހައިކޮމިޝަންތަކާއި އެމްބަސީތަކާއި ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކޮވިޑް 19 ގެ ސަބަބުން ރާއްޖެއަށް ދަތުރު ކުރަން ބޭނުންވެ، ނަމަވެސް އެކި ސަބަބު ތަކާހުރެ ރާއްޖެއަށް ދަތުރު ނުކުރެވި ތާށިވެފައި ތިބި ދިވެހިންނަށް އެހީތެރި ވުމަށް މިޝަންތަކުގެ ވެރިންގެ ކިބައިން މިނިސްޓަރު ޝާހިދު އެދެވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ހުރިހާ ސަފީރުންނާއި އިއްޔެ އެއް ވަގުތެއްގައި މިނިސްޓަރު ބައްދަލު ކުރެއްވި ނަމަވެސް ކޮންމެ ދުވަހަކުވެސް މިޝަންތަކުގެ ވެރިންނާއި މިނިސްޓަރު ވަކިވަކިން ވާހަކަ ދައްކަވާ ކަމަށެވެ. އަދި ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅިގެން މިނިސްޓަރު މަޝްވަރާ ކުރައްވާ ކަމަށެވެ.

މިއުވާނު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ބެހޭ ގޮތުން މައުލޫމާތު ހޯދައި، އެކަންކަން ހައްލުކުރުމަށް ސަފީރުންނަށް ފޯނުން ގުޅުއްވައިގެން މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.