ޚަބަރު

ލަންކާއިން ދިހަ ޓަނުގެ ކާގޯ ހިފައިގެން މޯލްޑިވިއަންގެ ފުލައިޓު ރާއްޖެ އަތުވެއްޖެ

ސްރީލަންކާ އިން ދިހަ ޓަނުގެ ކާގޯއާއެކު މޯލްޑިވިއަންގެ ބޯޓެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަންގެ ކާގޯ ފްލައިޓުން މިރޭ ރާއްޖެ ގެނައީ އަވަހަށް ހަލާކުވާ ޒާތުގެ ޕެރިޝަބަލް ތަކެއްޗާއި ބައެއް މެޑިކަލް ތަކެއްޗެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ބައެއް ގައުމުތައް މިހާރު އޮތީ ލޮކްޑައުންގައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

މުދާ އެތެރެކުރުމަށް ހުރި ދަތިތައް ނައްތާލުމަށް މޯލްޑިވިއަނުން ވަނީ ޗާޓަރު ކާގޯ ފްލައިޓުތައް ބާއްވަން ފަށައިފައެވެ. އެގޮތުން މިއަދު ސްރީލަންކާއިން ރާއްޖެއަށް ކާގޯ ގެނައިިި އިރު އަންނަ އަންގާރަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމާއި ޗެންނާއީން ކާގޯ ގެނެއުމަށް ޗާޓަރު ދަތުރެއް ކުރަން ވަނީ ނިންމައިފައެވެ. އަދި ބުރާސްފަތި ދުވަހު ތައިލެންޑުގެ ބެންކޮކަށް މުދާ ބަލައި ޗާޓަރު ދަތުރެއް ކުރާއިރު ހުކުރު ދުވަހު ދުބާއީއަށް ޗާޓަރު ދަތުރެއް ކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ 17 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވީކަން އެނގުނީ އެމީހުން ފުރަން ފްލައިޓުގައި ތިއްބަ އެވެ. ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި ތިބި ދެ ދިވެހިން ފިޔަވައި ރާއްޖޭގައި ފަރުވާދިން އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.