ސްކޫލްތައް ހުޅުވެންދެން ބުރިޖު މަތީގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފި އެވެ.
ކޮވިޑް 19އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ސްކޫލްތައް ބަންދުކޮށްފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ސްކޫލްތައް ހުޅުވެންދެން ދެ ޓަނުން ދަށުގެ އުޅަނދުތަކަށް 24 ގަޑިއިރު ބުރިޖުގައި މުދާ އުފުލޭނެ ކަމަށެވެ. އަދި ދެ ޓަނުން މަތީގެ އުޅަނދުތަކަށް ހަވީރު 18:00 އިން ހެނދުނު 06:00 އަށް ބުރިޖުމަތިން މުދާ އުފުލޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކުރިން ހަމަޖައްސާފައި އޮތް ގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުގައި މުދާ އުފުލުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން ސްކޫލުތައް ހުޅުވަންދެން ހުރިހާ ގަޑިތަކެއްގައި، މާލެ ތެރޭގައި ވެސް މުދާ އުފުލުމުގެ ހުއްދަ ދޭން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. ނަމަވެސް ސްކޫލް ފެށޭ ގަޑި އާއި ނިމޭ ގަޑީގައި އެ ސަރަހައްދުގައި މިހާރެކޭ ވެސް އެއްގޮތަށް އެއްވެސް މުދާ އުފުލާ އުޅަނދެއް މުދާ އުފުލުމަކީ މަނާކަމެއް ކަމުގައި އެ އޮތޯރިޓީން ބުނެއެވެ.
މާލެ، ހުޅުމާލެއަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 18:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.\