ޚަބަރު

ރައީސް އޮފީހުގައި ޕްލާސްޓިކް ފުޅި އާއި ކޮތަޅު ބޭނުންކުރުން ހުއްޓާލުމުގެ ކެމްޕެއިނެއް ފައްޓަވައިދެއްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ބާވަތްތައް ކަމަށްވާ ފެންފުޅި އާއި ކޮތަޅު ބޭނުންކުރުން ހުއްޓައިލުމަށް ހާއްސަ ކެމްޕެއިނެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހާއްސަ ޕްރޮގްރާމް އިފްތިތާހުކުރައްވާފައި ވާއިރު އެ ޕްރޮގްރާމްގެ ދަށުން އޮފީހުގައި ބިއްލޫރި ފެންފުޅި އާއި ޕްލާސްޓިކް ނޫން ކޮތަޅު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ވަނީ ބިއްލޫރި ފުޅި ހަވާލުކުރައްވައިފައެވެ.

ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ފުރަތަމަ 100 ދުވަސް ނިމުމުގެ ކުރީން ދައުލަތުގެ މުއައްސަސާތަކުގައި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމުގެ މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އަދި މުސްތަގުބަލުގައި މި ޕްރޮގްރާމް އެހެން އޮފީސްތަކުގައި ހިންގެވުމުގައި އެފަރާތްތަކުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އަޅުގަނޑު ޔަގީންކުރަން،" ރައީސް ވިދާޅުވިއެވެ.

މިއަދު ފެށި އެ ހަރަކާތަކީ ޕްލާސްޓިކްގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.