ވަޒީފާދޭ އެއްވެސް ފަރާތަކުން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތަކުން އެކަންކަން ނިންމިގޮތުގެ ތަފްސީލު ހާމަކުރަން ލޭބާ ރިލޭޝަންސް އޮތޯރިޓީން އެދިއްޖެއެވެ.
ލޭބާ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި މުސާރައާއި އިނަޔަތް ނުދޭ ގޮތަށް މުވައްޒަފުން ފޮނުވާލުމާއި ވަޒީފާއިން ވަކިކުރުންފަދަ ކަންކަން ވަޒީފާދޭ ފަރާތްތަކުން މިދުވަސްކޮޅު ކުރަމުންގެންދާތީ އެކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން އެކަން ހިނގަމުން އަންނަ ގޮތް ބެލިއިރު މުވައްޒަފުންގެ ކަންކަން ބައެއް ފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
ލޭބާ އޮތޯރިޓީން ބުނީ، މިދަނޑިވަޅުގައި މުވައްޒަފުންގެ ވަޒީފާއާގުޅުންހުރި ކަންކަން ނިންމުމުގެ ކުރިން އެކަންކަމާ ގުޅޭގޮތުން އެއޮތޯރިޓީއާއެކު މަޝްވަރާ ކުރުމަށާއި އެއްވެސް މުވައްޒަފަކާމެދު ވަޒީފާއާބެހޭ ގާނޫނާ ހިލާފު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން ވަޒީފާދޭ އެއްވެސް ފަރާތަކުން މިމަހުގެ އެކަކުން ފެށިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނެސްފައިވާނަމަ، އެފަރާތްތަކުން އެކަންކަން ނިންމިގޮތުގެ ތަފްސީލު ހިއްސާކުރަން އެދޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން އެ އޮތޯރިޓީގެ ވެބްސައިޓުގައިވާ ޝީޓު ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ އޮތޯރިޓީގެ އީމެއިލަށް ފޮނުވައިދިނުމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް މުވައްޒަފުންގެ ވަޒީފާއަށް ބަދަލެއް ގެންނަނަމަ، އެގޮތަށް އަމަލުކުރުމަށް ވެސް އެދިފައިވެއެވެ.