ޚަބަރު

ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ.، އއ.، އދ. އަދި ވ. އަތޮޅު ހިމެނޭ ޑިވިޝަން)އަށް ނިސްބަތްވާ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ހަތަރު މައްސަލައެއް މިމަހު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އެއް މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ދޮން ބައްޕައެވެ. އޭގެ އިތުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި މިމަހުގެ ތެރޭގައި ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ އެ ސާވިސް އިން ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.