އަލީ ޔާމިން
ގައުމުތަކުން ލުއިދޭ ވަގުތުތަކުގައި ވީހާވެސް ގިނަ ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކޮންމެ ދުވަހަކު ފޮރިން މިނިސްޓްރީން މަސައްކަތް ކުރާ ކަމަށެވެ. އަދި ބައެއް ގައުމުތަކުން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ދިވެހިން ހާލުގައި ޖެހިފައިވާ ކަމަށާއި އެ ފަރާތްތައް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ބޯޑަރުތައް ބަންދުކޮށްފައިވުމުން މިވަގުތު ކުރެވޭ މަސައްކަތަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ބޭރުގައި ތިބި ދިވެހިން ގެނެވޭނެ ގޮތެއް ކިރިޔާވެސް ވެއްޖެ ނަމަ އެކަން ސަރުކާރުން ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ކޮންމެ ހަފްތާއަކުވެސް ފޮރިން މިނިސްޓަރު އެ މަސައްކަތް އެބަކުރައްވާ. ވަކިވަކިން ގައުމުތަކުގެ ފޮރިން މިނިސްޓަރާ ވެސް ގުޅައިގެން އެކަން ކުރެވޭނެ ގޮތްތައް ހޯދުމުގައި. ދެން އެގައުމެއްގެ ގަވައިދެއް ބަދަލެއް ނުވޭ އަޅުގަނޑުމެންނާ ހެދިއެއް. އަޅުގަނޑުމެން ދިވެހިންނަކަށް ވެގެންނެއް. އޭގެން އެމީހުންދޭ ލުޔެއް ލިބެން އޮންނަ ވަގުތު ގެނެވެން އޮތް ބައެއް ގެނައުމުގެ މަސައްކަތް މިކުރަނީ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ލަންކާގައި ކަރަންޓީން ފުރިހަމަކޮށްފައި ތިބި ޓީސީ ފުޓްބޯޅަ ކުލަބުގެ ކުޅުންތެރިން ރާއްޖެ ގެނައުމަށް ފްލައިޓެއް ބާއްވަންޏާ އޭގެން ގެނެވެން އޮތް ވަރަކަށް ދިވެހިން ގެންނާނެ ކަމަށެވެ.
"ޓީސީ ފުޓުބޯޅަ ޓީމަށް އޭގެ ކުރިން އާދެވޭ ގޮތެއް ހައްދަވައިދެއްވަންޏާ އެ މަސައްކަތެއް ކުރާނީ ފޮރިން މިނިސްޓްރީ މެދުވެރިވެގެން އެނގޭތޯ. އެގޮތަށް އެކަން ކޮށްފައި ފްލައިޓަކަށް ބަޔަކު އެރުވެންޏާ އެރުވޭނެ އެންމެ ގިނަ ބަޔަކު އަރުވާނެ ފަސިންޖާ ފްލައިޓެއް ދަތުރުކޮށްފިއްޔާ. ޓީސީ ފުޓުބޯޅަ ޓީމު އެކަންޏެއް ނޫން އަންނާނީ،" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވުމުގެ ސަބަބުން ރާއްޖެ އަންނަން ބޭނުންވާ ގިނަ ދިވެހީންނަށް ވަނީ ރާއްޖެ އާދެވޭނެ ގޮތެއް ނުވެފައެވެ.