ރާއްޖޭގެ ކަނޑުތަކަށް ދުވާލެއްގެ މައްޗަށް 860 މެޓްރިކް ޓަނުގެ ކުނި އަޅާ ކަމަށާއި އޭޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތިމާވެއްޓަށް އެންމެ ގެއްލުން ކުރާ އެއް ބާވަތަކީ ޕްލާސްޓިކް ކަމަށާއި ރާއްޖޭގައި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އަދަދަކީ ކަންބޮޑުވާ އަދަދެއް ކަމަށެވެ.
"ހަމައެކަނި މާލޭގައިވެސް ދުވާލަކަށް 280،000 ޕްލާސްޓިކް ފެންފުޅި ބޭނުންކުރެވޭ. މި ފުޅިތަކަކީ ފަސޭހައިން ފަނާވެގެން ދާ ބާވަތުގެ އެއްޗެއްސެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ތެރޭގައި ފެންފުޅިތަކާއި ޕްލާސްޓިކް ކޮތަޅުގެ އިތުރުން އެއްޗެހި ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ހިމެނޭ ކަމަށެވެ.
އެތަކެތި ނިމިގެން ދަނީ ކަނޑަށް ކަމަށާއި އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ނޭދެވޭ އެތައް އަސަރެއް ކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެކަމަށް އޮތް ހައްލަކީ ޕްލާސްޓިކްގެ ބޭނުންކުރުން ބަދަލުކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުން ކަމަށެވެ.