ޚަބަރު

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން ރިސޯޓުތަކާއި ސަފާރީތަކުން ފޭބޭނެ އުސޫލެއް އެކުލަވާލަނީ

އަލީ ޔާމިން

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން ރިސޯޓުތަކާއި ސަފާރީތަކުން ފޭބޭނެ އުސޫލެއް އެކުލަވާލައި އާންމުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ރިސޯޓުތަކާއި ސަފާރީތަކުގައި ތިބި ފަރާތްތަކަށް އެތަންތަނުން ފޭބުމާ ބެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރަމުން އަންނަ ކަމަށެވެ.

"ތިކަމަށް ނެރޭ އުސޫލެއް މިރޭ އަޅުގަނޑަށް ހީވަނީ އެޗްޕީއޭގެ ފަރާތުން ނެރޭނެހެން. ނޫން ވިއްޔާ މާދަމާ އެ ލިޔުން ނުކުންނާނެ." އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން ރިސޯޓުތަކާއި ސަފާރީތަކުން ފޭބުމަށް އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ، އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވުމުން ރިސޯޓުތަކާއި ސަފާރީތަކުގައި ތިބި މީހުންނަށް ފުރައިގެން އެހެން ތަންތަނަށް ދެވޭނެ ކަމަށެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ރިސޯޓްތަކާއި އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.

އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރިސޯޓްތަކުން މީހުން ދިރިއުޅޭ އެއްވެސް ތަނަކަށް މީހުން ދަތުރުކުރުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދަތުރުކުރުމާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ވަކި އެންގުމެއް އަންގަންދެން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި ދަތުރުކުރަންޖެހޭ ފަރާތްތައް އެ އެންގުމުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.

އިސްތިސްނާވާ ހާލަތްތައް:

  • ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ދިއުން.
  • ފަތުރުވެރިން ރާއްޖެއިން ފުރުވުމަށްޓަކައި އެއާޕޯޓަށް ދިއުން.
  • ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއާޕޯޓަށް ދިއުން (މިފަދަ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިސޯޓަށެވެ. އަދި އެފަދަ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މައުލޫމާތު ރިސޯޓްތަކުން ބަލަހައްޓަންވާނެއެވެ.)
  • ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓްތަކަށް މުދާ ފޯރުކޮށްދިނުމުގައި ޖެޓީއާ ހިސާބަށް ދިއުން. (މިފަދަ ފަރާތްތަކުން ރިސޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތަކަށް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެއެވެ.)