މިއަދު މަރުވި ބަންގުލަދޭޝްގެ މީހާ ކޮވިޑް 19އަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލް ނެގަޓިވް ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު މަރުވި ބަންގުލަދޭޝް މީހާ ފެނިފައިވަނީ ކާސިންޖީ މަގުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރެއިންނެވެ. އެމީހާއަކީ މ. ކޮޅުފުށިން އައި މީހެއް ކަމަށާއި އެމީހާ ބަނޑުގައި ރިއްސާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެމީހާއަކީ ޑެންގީއަށް ފަރުވާ ހޯދުމަށް އޭޑީކޭއަށް ދިޔަ މީހެއް ކަމަށާއި މަރުވުމާއެކު ޔަގީންކުރުމުގެ ގޮތުން ކޮވިޑް 19ގެ ޓެސްޓު ހެދުނު ކަމަށެވެ.
"އެމީހާއަކީ އޭޑީކޭ ހޮސްޕިޓަލަށް ދިޔަ މީހެއް ކަމާއި، އޭނާ ޑައިގްނޯސްކުރެވިފައިވަނީ ޑެންގީއަށް ކަމަށް އަޅުގަނޑުމެންނަށް އެނގިފައިވޭ. އަދި ޑެންގީގެ އިތުރު ޓެސްޓުތަކެއް ފަހުން ހަދާ ކަހަލަ ގޮތަކަށް އޮތީ. ނިޔާވުމާއެކު ޔަގީންކުރުމުގެ ގޮތުން ކޮވިޑް 19ގެ ޓެސްޓު ހެދުނު. އެ ޓެސްޓުގެ ނަތީޖާ ނެގަޓިވް." އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19އަށް 17 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ކަރަންޓީނުގައި ތިބުމަށްފަހު އެ ދެމީހުން ފުރައިގެންދިޔަ ފަހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހި ދެ މީހަކު ވެސް ހިމެނެއެވެ. އަދި ރާއްޖޭގައި ފަރުވާދެމުން އައި 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.