ޚަބަރު

ޕޮޒިޓިވްވި ދިވެހި ދެ މީހުން ފިޔަވައި އެންމެން ރަނގަޅުވެއްޖެ، އެ ދެމީހުން ވެސް އަންނަނީ ރަނގަޅުވަމުން

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެހި ދެ މީހުން ފިޔަވައި އެންމެން ރަނގަޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ޕޮޒިޓިވްވި ހުރިހާ ބިދޭސީން މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

"ޕޮޒިޓިވްވެގެން އަޅުގަނޑުމެން ބަލަމުންދިޔަ ކޭސްތައް، ވެލިދޫގައި އަޅުގަނޑުމެން ބަލަހައްޓަމުންދިޔަ ކޭސްތަކުގެ ތެރެއިން ޕޮޒިޓިވްކޮށް މިތިބީ ހަމައެކަނި ދިވެހި ދެ މީހުން. އޭގެ މާނައަކީ ކުރިން ޕޮޒިޓިވްވި ބޭރު ހުރިހާ އެންމެން މިހާރު ނެގަޓިވް ސާމްޕަލް ލިބި، ނެގަޓިވް ކަމަށް ނިންމިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އއ. ވެލިދުއަށް ގެނެސް ފަރުވާދެމުން އަންނަ ޕޮޒިޓިވްވި ދެ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހުންގެ ފަރާތުން އެއްވެސް ސީރިއަސްކަމެއް ފެންނަން ނެތް ކަމަށެވެ.

"ދިވެހި ދެ މީހުން މިހާރު ވެލިދޫގައި ބަލަމުންގެންދާ އިރު، އެ ދެމީހުންގެ ހާލު އިރާދަކުރެއްވިއްޔާ ރަނގަޅު. އިތުރު ކޮމްޕްލިކޭޝަނެއް ނެތް. އާދައިގެ ރޯގައިގެ އަލާމާތްތައް އެމީހުންގެ މިހުރީ. އެހެންވީމާ އަޅުގަނޑުމެންގެ އެކޮޅުގައި ހުރި ޑޮކްޓަރު ވެސް ދެންމެ އަޅުގަނޑަށް މައުލޫމާތު ދިން ގޮތުގައި އެ ދެމީހުންގެ ކޮންޑިޝަން ސްޓޭބަލް. އެމީހުންގެ ބަލަން ޖެހޭ ކަންކަން ބަލަމުން އެގެންދަނީ. އެއްވެސް ސީރިއަސްކަމެއް ފެންނާކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

ޑރ. މުރާދު އިތުރަށް ވިދާޅުވީ ބަލިން ރަނގަޅުވި މީހުން ޓްރާންސްފާ ކުރަން ޖެހޭ ތަންތަނަށް ޓްރާންސްފާ ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19އަށް 17 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ކަރަންޓީނުގައި ތިބުމަށްފަހު އެ ދެމީހުން ފުރައިގެންދިޔަ ފަހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހި ދެ މީހަކު ވެސް ހިމެނެއެވެ. އަދި ރާއްޖޭގައި ފަރުވާދެމުން އައި 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.