ޚަބަރު

ސައުދީއަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދަށައި ދެކުނުގައި އޮންނަ ޖިޒާން އަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މިއަދު ފޮނުވާލި މިސައިލް ހަމަލާ ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިއަދު ދޭން އުޅުނު ހަމަލާއަކީ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ސައުދީގެ ވެރިރަށަށް އަމާޒުކޮށް ފޮނުވާލި އެފަދަ ފުރަތަމަ ހަމަލާއެވެ. ނަމަވެސް ސައުދީގެ އެއާ ޑިފެންސުން ވަނީ އެ ދެ މިސައިލް ހަމަލާ ވެސް ނާކާމިޔާބު ކޮށްލައިފައެވެ.

އެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުން އަބަދުވެސް އޮންނާނީ ސައުދީ ސަރުކާރާއި އެގައުމުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ސައުދީން ކުރަމުންދާ ވަރުގަދަ މަސަކަތް ފާހަގަކޮށް، އެކަމުގައި އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިއަދު ދިންފަދަ ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

ހާއްސަކޮށް ކޮވިޑް 19 ވަބާއާ ކުރިމަތިލަމުންދާ މިފަދަ އުދަނގޫ ދަނޑިވަޅެއްގައި މުޅި ދުނިޔެ ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ