ކޮވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލުތަކާއި ކޮލެޖުތަތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ސްކޫލް ކުދިންނާއި ޓީޗަރުންނަށް ހިލޭ މޯބައިލް ޑޭޓާ ޕެކޭޖެއް ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ މިދުވަސްވަރު ސްކޫލުތަކާއި ކޮލެޖުތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ހިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް ވަރަށް މުހިންމުވެފައިވުމުން މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެހެން، ވާޗުއަލް ކްލާސްރޫމްތަކާއި، އީ-ލާނިން ފަދަ ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ފަސޭހަކަމާއެކު ބޭނުންކުރުން މަގުފަހިކޮށް ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ 5ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ދޭން ނިންމާފައިވާ ކަމަށެވެ.
މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީން ދިރާގަށް ހިއްސާކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޯބައިލް ހިދުމަތް ގެންގުޅޭ ދަރިވަރުންނާއި ޓީޗަރުންނަށެވެ.
ކޮވިޑް 19 އާ ގުޅިގެން ދިރާގުން އަންނަނީ ރިމޯޓް އެޑިއުކޭޝަން މަގުފަހިކޮށްދިނުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. ދަރިވަރުންނަށާއި ޓީޗަރުންނަށް 30 ދުވަހުގެ ހިލޭ ޑޭޓާ ދިނުމުގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓް ވެސް ދޭން ނިންމާފައިވެއެވެ. އަދި ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ ދޭން ވެސް ނިންމާފައިވެއެވެ. މީގެ އިތުރުން ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުން ވެސް %50 ޑިސްކައުންޓް ދީ، ހިލޭ 10ޖީބީ ވެސް ވަނީ ދީފައިވެއެވެ.
ދިރާގުން ބުނީ މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމުގަށާއި، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ދިރާގުން އިލްތިމާސްކުރަނީ އިންޓަނެޓްގެ ހިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުންކުރުމަށެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ދިރާގުން އެދެއެވެ.