އަލީ ޔާމިން
ކޮވިޑް 19 އާ ގުޅިގެން ރަށްރަށުން ރިސޯޓުތަކަށް އެރުން މަނާކޮށްފައި ވަނިކޮށް، ހއ މަނަފަރު ރިސޯޓަކަށް އެރި މުވައްޒަފަކަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "ވަން"އަށް ވިދާޅުވީ، ހއ. މަނަފަރު ކޮވިޑް 19 އާ ގުޅިގެން ރަށްރަށުން ރިސޯޓުތަކަށް އެރުން މަނާކޮށްފައި ވަނިކޮށް، ހއ މަނަފަރު ރިސޯޓަކަށް މުވައްޒަފަކު އެރި މައްސަލައިގެ ތަހުގީގު ނިންމައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ ހިލާފަށް މިމަހުގެ 20 ވަނަ ދުވަހު ހއ. އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އަރާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 7:49 ހާއިރު 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ވަނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް މަނާކޮށްފައެވެ.