ޚަބަރު

ޓުއާ އޮޕަރޭޓަރުންގެ އަތުން ކެންސަލޭޝަން ފީ ނުނެގުމަށް މަޓާޓޯއިން ގޮވާލައިފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވުމުން ކުރިން ހައްދާފައި ހުރި ބުކިންތަކަށް ޓުއާ އޮޕަރޭޓަރުންގެ އަތުން ކެންސަލޭޝަން ފީ ނުނެގުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފިއެވެ.

ބައެއް ޓުއާ އޮޕަރޭޓަރުންގެ އަތުން ކެންސަލޭޝަން ފީ ނަގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޓާޓޯއިން ނެރުނު ނޫސްބަޔާނުގައި ބުނީ، ރިސޯޓުތަކާއިި ގެސްޓުހައުސްތަކާއި ލިވްބޯޑްސް އަދި ހޮޓެލްތަކުން ޓުއާ އޮޕަރޭޓަރުންގެ އަތުން ކެންސަލޭޝަން ފީ ނުނެގުމަށް ގޮވާލާ ކަމަށާއި އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

މަޓާޓޯއިން ބުނީ، ކުރިން ހައްދާފައިވާ ބައެއް ބުކިންތަކަށް ކެންސަލޭޝަން ފީ ބައެއް ރިިސޯޓުތަކުން ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގަމުން އަންނަ ކަމަށާއި އެހެންކަމުން އެކަމުގެ ޓުއާ އޮޕަރޭޓަރުންނަށް ފޯރުކޮށްދޭން ޖެހޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށާއި އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ކަމަށް ވެސް މަޓާޓޯއިން ބުނެއެވެ.

މިފަދަ ދަނޑިވަޅެއްގައި ރިސޯޓުތަކުންނާއި، ގެސްޓުހައުސްތަކުން، ޓުއާ އޮޕަރޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަޓާޓޯއިން ވަނީ ގޮވާލައިފައެވެ.

މިކަމާ ގުޅިގެން "ވަން"އަށް މައުލޫމާތުދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ މިހާރުވެސް ހަތް ވަރަކަށް ރިސޯޓުން އެގޮތަށް ޓުއާ އޮޕަރޭޓަރުންގެ އަތުން ކެންސަލޭޝަން ފީ ނަގަމުން އަންނަ ކަމަށާއި ކެންސަލޭޝަން ފީ ނަގަނީ ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ކަމަށެވެ.