ކޮވިޑް 19އާ ގުޅިގެން އދ. އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލުގެ އިތުރުން ރައީސް އޮފީހުގެ ބައެއް އޮފިސަލުންނާއި، ފޮރިން މިނިސްޓްރީގެ ބައެއް އޮފިސަލުންނާއި، އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރު މިސް ކެތަލިން ހަސްވެލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މިސް ހަސްވެލް ވަނީ ކޮވިޑް 19 އާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ، އަދި އަޅަމުން އަންނަ ފިޔަވަޅުތަކަށް ތައުރީފުކުރައްވައިފައެވެ. އެގޮތުން ކޮވިޑް 19 ރާއްޖޭގައި ފެތުރަ ނުދިނުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކަކީ އެހެން ގައުމުތަކަށް މިސާލެއް ކަމުގައި ހަސްވެލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތްކަމަށްވެސް މިސް ހަސްވެލް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، މިވަގުތު ރާއްޖެއަށް އެންމެ ބޮޑަށް ދަތިވަނީ ކޮވިޑް 19އާ ގުޅިގެން ބައެއް ކަހަލަ ސިއްހީ ތަކެތި ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. އަދި އދ. އިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް މިނިސްޓަރު އަމީން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.