އަމިއްލަ އެދުން ބޮޑުވެ، އަހުދާއި ހުވަޔާއި ޝަރުތު އުވާލުމަކީ މުސްލިމުންނަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު އެހެން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވަނީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިއަށްދަނިކޮށެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން 87 ގޮނޑިއަށް ވާދަކުރުމަށް ނިންމައިފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ވޯޓުގައި ބައިވެރިވި 80 މެމްބަރުންގެ ތެރެއިން 79 މެމްބަރުން ވަނީ ތާއީދުކޮށްފައެވެ.
ޝެއިޚް ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަކި ގޮތަކަށް އެއްބަސްވެ، އަހުދުވެ، ޝަރުތު ކަނޑައެޅި، ނިމިފައިވަނިކޮށް، އަމިއްލަ އެދުން ބޮޑުވެ، އަހުދާއި ހުވަޔާއި ޝަރުތު އުވާލުމަކީ މުސްލިމުންނަށް އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އަހުދަކީ ފަހުން ސުވާލު ވެވޭނެ ކަމެއް ކަމަށެވެ.
މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތަކާ ގުޅޭ އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައިނުވާނެ ކަމަށެވެ.