ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ ދުވަހުގައި ރައީސްގެ ހިތޯބު: ފުލުހުންނަށް އެއްބާރުލުން ދެއްވައިގެން ގޭގައި ތިއްބަވާ!

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އިންރައްކާތެރިވުމަށް ފުލުހުންނަށް އެއްބާރުލެއްވުން ދެއްވައި މިދުވަސްކޮޅު ވީހާވެސް ގިނައިން ގޭގައި ތިއްބެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ފުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތޯބުގައި އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންނާއި ކަމާއިބެހޭ މުއައްސަސާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާލުން ދެއްވައި ވީ އެންމެ އަވަހަކަށް އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި، ރައްޔިތުން ގޭގައި މަޑުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރީ ދިވެހި ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ވަރަށް މުހިންމު ގައުމީ މަސައްކަތެއްގައި ދިވެހި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އެގޮތުން ކޯވިޑް19ގެ ނުރައްކަލުން ރައްކާތެރިކުރުމަށް ކުރާ ގައުމީ މަސައްކަތުގައި ނުރައްކަލާ ކުރިމަތިލައި، ކުރީ ސަފަށް ނިކުމެ ފުލުހުން ކުރައްވާ މަސައްކަތަކީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރައްވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން އެ ބޭފުޅުންގެ މަސައްކަތުގައި އުޅުއްވާއިރު ގާނޫނުގެ ބާރަށް ވުރެ، އެ ބޭފުޅުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ރައްޔިތުން ކިޔަމަންތެރިކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގަންނަވައިފައެވެ.