މި ފަސް އަހަރަށް އެކުލަވާލާފައިވާ އިސްތިރާޖީ(ސްޓްރެޓިޖިކް) ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ފުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ރައީސް ސޯލިހުގެ ހިތާބުގައި ވިދާޅުވީ އެންމެ މުހިންމު ކަމަކީ ރައްޔިތުންނާ ގާތުން ދޭ ހިދުމަތަކަށް އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ފުލުހުން ހެދުމަށް ކުރެވޭ މަސައްކަތް ކަމަށެވެ.
ފުލުހުންނަކީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުއާމަލާތް ކުރާ ބަޔަކަށް ވެވަޑައިގަންނެވުމަށް ހުރިހާ ފުލުހުންނަށް ރައީސްގެ ހިތޯބުގައި ވަނީ އިލްތިމާސްކުރައްވައިފައެވެ.
މީގެ އިތުރުން މިއަދުގެ ހިތާބުގައި ރައީސް ވިދާޅުވީ މިއަހަރުގެ ފުލުހުންގެ ދުވަސް މި ބައްދަލުކުރީ ދިވެހި ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ވަރަށް މުހިންމު ގައުމީ މަސައްކަތެއްގައި ދިވެހި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައި ކަމަށެވެ.