އިނގިރޭސި ވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހާއަކީ ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި ހުރި ދިވެއްސެއް ކަމަށެވެ.
އެޗްޕީއޭއިން ނިންމާފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ކަރަންޓީނު މަރުކަޒެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަން ޖެހޭ ގޮތަށެވެ.
މި މީހާއާއެކު ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ ދެއަކަށް އަރައިފަ އެވެ. މީގެ ކުރިންވެސް އިނގެރޭސި ވިލާތުން އައިސް ކަރަންޓީން ފެސިލިޓީއެއްގައި ހުރި ދިވެއްސަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ. އަދި އިނިގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކު ވެސް އެ ގައުމުން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފަ އެވެ.
މިހާރު ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންނަށް ބަލާއިރު، ޖުމުލަ މި ވަނީ 17 އަށް އަރައިފަ އެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖޭން ފުރިފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީ ދެ މީހުންނެވެ.
ރާއްޖެއިން ކޮވިޑް 19 ޖެހިގެން އެބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 11 މީހެކެވެ.