ގިނަ ގޮންޖެހުންތަކާއިއެކު ވެސް ނިމިދިޔަ އަހަރަކީ ފާހަގަ ކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކާމިޔާބު އަހަރެއް ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ފުލުހުންގެ ދުވަހާއި ގުޅިގެން މިނިސްޓަރު އިމްރާން އާންމު ކުރެއްވި ވީޑިއޯ ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ މުޅިރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަ ބަދަލުތަކާއި، ދާހިލީ ބަދަލުތަކާއި، ގޮންޖެހުންތަކާއިއެކު ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވެމުންދާކަން ފާހަގަކުރައްވާ ކަމަށެވެ.
"ވޭތުވެދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި އަޅުގަނޑު ދެކޭގޮތުގައި ވަރަށް ކާމިޔާބު އަހަރެއް. މުޅިރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާއި، ދާހިލީ ބަދަލުތަކާއި، ގޮންޖެހުންތަކާއިއެކު ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެވެމުންދާކަން އަޅުގަނޑު އުފަލާއި އެކު ފާހަގަ ކުރަން" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭން ތަންފީޒު ކުރުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް އާއި ފުލުހުންގެ ލީޑަޝިޕް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި އެގޮތުން ރައްޔިތުންނަށް ބޮޑުކަމެއް ކުރިމަތިވާއިރު އެންމެ ގާތުން މަސައްކަތްކުރާ ފަރާތަކީ ދިވެހި ފުލުހުންގެ މުއައްސަސާ ކަމަށެވެ.
އެގޮތުން މިހާރު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް އެންމެ އިސް ސަފުގައި ދިވެހި ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ވަސީލަތްތަކާއި ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް ބޭނުން ކުރަނީ މިހާލަތުން އަރައިގަތުމަށް ކަމަށެވެ. މިއަދު ފާހަގަ ކުރާ ފުލުހުންގެ ދުވަހުގެ ތަހުނިޔާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިނިސްޓަރު އިމްރާން ވަނީ ފޮނުއްވަވާފައެވެ.