ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 ން ހެނދުނު 6 އަށް ބަންދު ކުރަން ނިންމައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އެގޮތަށް ނިންމި ނަމަވެސް އެއާޕޯޓު ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި އަންނަ މެޑިކަލް، ހިއުމެންޓޭރިއަން އަދި ނަން-ޝެޑިއުލް ފްލައިޓް ޖެއްސުމުގެ ހިދުމަތް ހަމަޖައްސާނެ ކަމަށެވެ.
ނަމަވެސް އެފަދަ މަތިންދާބޯޓުތައް ޖައްސާނަމަ ތިން ގަޑިއިރުގެ ނޯޓިސްއެއް ބޭނުންވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއޭސީއެލް އިން ވަކި ގޮތެއް އަންގަންދެން އެ ނިންމުމާ އެއްގޮތަށް އެއާޕޯޓް ބަންދުވާނެ ކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ މަދުވެފައެވެ. އަދި އެބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިއްޔެ އިން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލައިފައެވެ.