ޚަބަރު

ކުރެއްދޫން ކޮވިޑަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައިގައި އެރަށު ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފި

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި އިޓަލީގެ ފަތުރުވެރިޔާގެ މައްސަލައިގައި އެ ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އިސިން ސެކެން ކޮކަބަސް ނަމަކަށް ކިޔާ އެމީހާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ފުލުހުންގެ އެދުމަކަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރަކުންނެވެ.

އެ އަމުރުގައި ބުނެފައިވާ ގޮތުން ޑޮކްޓަރުގެ މައްޗަށް ކުރަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުނު ނަމަވެސް އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ކޮވިޑް 19 ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑާކޮށް އަމަލުކޮށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެގޮތުން އަންނަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭނާއަކީ ބިދޭސީއެއް ކަމުގައިވުމާއި އަދި އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް މަސައްކަތް ކޮށްފާނެތީ ކަމަށް ބުނެއެވެ.

ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުން ފެނުނީ ވެސް ކުރެއްދޫ ރިސޯޓުންނެވެ. އެއީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި އެ ރިސޯޓުގެ ޑޮކްޓަރު ވެސް ހިމެނެއެވެ. އެ އެންމެން މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެނެސް އެކަހެރިކޮށްފައެވެ.

އެ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބެއް ކަމަށް ބެލެވެނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. ނަމަވެސް އެކަން އެނގުނީ އެ މީހާ އެނބުރި އިޓަލީއަށް ގޮސް، ކޮރޯނާވައިރަހަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމުންނެވެ.

ނަމަވެސް އެ މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އެ މީހާ ބަލިވެ ތަކުރާރުކޮށް ޑޮކްޓަރަށް ދެއްކި ކަމަށާއި އެއާޕޯޓަށް އައިސް ފުރަތަމަ ނުފުރުނީ ބަލި ބޮޑުކަމުން ކަމަށް ބުނެވެސް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އަދި އޭނާގެ ފުށުން ބަލީގެ އަލާމާތްތައް ފެނި ރިސޯޓުގައި އެޑްމިޓްކުރި ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން އެކަމުގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެންގެވިއެވެ. އަދި އެ އެންގުމާ އެއްގޮތަށް ފުލުހުން ވަނީ މިމަހުގެ 10 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ފަށައިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގުގެ މައުލޫމާތު ދެއްވުމަށް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޑެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ، ކުރެއްދޫ ރިޒޯޓުގައި ހުރުމަށް ފަހު، އެނބުރި ގައުމަށް ދިޔަ އިޓަލީ މީހާ ރިސޯޓުގައި ހުރިއިރު ވެސް އޭނާގެ ހަށިގަނޑުން ފެންނަމުން ދިޔައީ ކޮވިޑް 19ގެ އަލާމާތްތައްކަން އެ ރިސޯޓުގެ ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމަށެވެ.