ޚަބަރު

ސަފާރީގެ ކަރަންޓީނު ފަށަން އެންގީ މިމަހު 13ގައި، އޭރުން ފެށިގެން އަލާމާތް ފެނުނު މީހުން އެކަހެރި ކުރިން: ވެރިފަރާތް

ރާއްޖެއިން އިއްޔެ ފުރި ފަހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ދެ މީހުން ތިބި "އައިލެންޑް ސަފާރީ 1"ގެ ކަރަންޓީން ފަށަން ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ) އިން އެންގީ މިމަހުގެ 13 ވަނަ ދުވަހު ކަމަށާއި އެދުވަހުން ފެށިގެން ސަފާރީ ކަރަންޓީނުކޮށްފައި އޮތް ކަމަށް އެ ސަފާރީގެ ވެރިފަރާތުން ވިދާޅުވެއްޖެއެވެ.

ސަފާރީގެ ވެރިޔާ މޫސާ ރަޝީދު ''ވަން'' އަށް ވިދާޅުވީ، ސަފާރީއަށް ގެސްޓުން އައީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން އެކެއްގެ ކިބައިން ކޮވިޑް 19ގެ އަލާމާތްތައް ފެނުމާއެކު މިމަހުގެ 13 ވަނަ ދުވަހު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅާ އެ މައުލޫމާތު ހިއްސާކުރި ކަމަށާއި އޭރު އުޅަނދު އޮތީ އައްޑޫގައި ކަމަށް ވެރިފަރާތުން މައުލޫމާތުދެއެވެ.

އޭނާ ބުނީ، އެޗްޕީއޭއަށް ރިޕޯޓްކުރި ދުވަހު ސަފާރީގެ ކަރަންޓީން ފަށަން އެ އެޖެންސީން ލިޔުމެއް ވެސް ފޮނުވި ކަމަށާއި އަދި އަލާމާތްތައް ފެނުނު މީހުން، އެމީހުންގެ ކޮޓަރިން ނުނިކުމެވޭނެ އިންތިޒާމު ވެސް ހަމަޖެއްސި ކަމަށެވެ.

އޭގެ ފަހުން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ފުވައްމުލަކު ބޭރަށް ސަފާރީ ގެންދިޔަ ކަމަށާއި އަލާމާތްތައް ފެނުނު މީހުންގެ ސާމްޕަލްތައް ވެސް ނެގީ ފުވައްމުލަކު ބޭރުގައި އޮވެގެން ކަމަށް ވެސް ވެރިފަރާތުން ބުންޏެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވެސް ވިދާޅުވީ، ސަފާރީގައި ހުރި މީހެއްގެ ފަރާތުން އަލާމާތްތައް ފެނިގެން އެޗްޕީއޭއަށް އެންގީ މިމަހުގެ 13 ވަނަ ދުވަހު ކަމަށާއި އެއާއެކު ހަމަ އެދުވަހު ސަފާރީގައި ތިބި މީހުން ކަރަންތީން ކުރުމަށް ލިޔުމެއް ފޮނުވި ކަމަށެވެ.

އޭނާ ވިދާޅުވީ، ސަފާރީގައި ތިބި ދެމީހުންގެ ސާމްޕަލް ނެގީ މާޗް 14 ގައި ކަމަށާއި އަދި ދެމީހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ 15 ގައި ކަމަށެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ޕޮޒިޓިވްވި ދެ މީހުން އުޅަނދުން ބޭލި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ރޭ ވިދާޅުވި ގޮތުން، ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު އެމީހުންގެ ސާމްޕަލް ނެގީ ދިރާސާ ބޭނުމަކަށް ކުރި ޓެސްޓަކުންނެވެ. އަދި އެމީހުންގެ ނަތީޖާ ލިބުނުއިރު އެ ދެމީހުން ވެސް ތިބީ ފްލައިޓުގައި ކަމަށް ވިދާޅުވިއެވެ.

ސަފާރީގެ ވެރިފަރާތާއި މަބްރޫކު ވިދާޅުވާ ގޮތަށް މާޗް 13 ވަނަ ދުވަހު ކަރަންޓީންކުރި ނަމަ އެ އުޅަނދުގައި ތިބި އެންމެންގެ ކަރަންޓީންގެ 14 ދުވަސް ހަމަވާނީ އިއްޔެއެވެ. އަދި އެމީހުން ފުރުވާލާފައިވަނީ ވެސް ރާއްޖޭގައި ތިބި އިޓަލީގެ ފަތުރުވެރިން ބަލައި އެގައުމުގެ ސަރުކާރުން އިއްޔެ ފޮނުވި ފްލައިޓެއްގައެވެ.

ނަމަވެސް ބައެއް މީހުން ދަނީ، ސަފާރީން ޕޮޒިޓިވްވި ދެ މީހުންގެ ސާމްޕަލް ނެގީ މާޗް 14 ގައި ކަމަށް ވެފައި ޕޮޒިޓިވްވީ 15 ކަމަށްވާތީ އެމީހުން ރާއްޖެއިން ފުރުވާލާފައިވަނީ ކަރަންޓީންގެ 14 ދުވަސް ހަމަނުކޮށް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.