ޚަބަރު

މަތީ ގުރޭޑްތަކަށާއި ސެން ކުލާސްތަކަށް ޓެލިކިލާސް މެދުވެރިކޮށް ފިލާވަޅު ނަގައިދޭން އަލުން ފަށަނީ

އައިދާ އަބްދުލް ހަކީމް

މިހާރު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ސްކޫލުތައް ބަންދު ކުރަން ނިންމުމުން، އެޑިއުކޭޝަން މިނިސްޓްރީން ފެށި ޓެލިކިލާސްތައް ދުވަސްކޮޅަކަށް މެދުކަނޑާލުމަށްފަހު އަނެއްކާވެސް ފަށަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފެށޭ ހަފްތާގައި ގުރޭޑް 9، 10، 11 އަދި ސެން ކުލާސްތައް ޓެލިކިލާސް މެދުވެރިކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުލާސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރީގެ ތަޖުރިބާއަށް ބަލައި ގޫގުލް ކުލާސްރޫމް ބޭނުންކޮށްގެން ކިޔަވާ ކުދިންގެ ސަމާލުކަން އިތުރު ކުރެވޭނެ ގޮތަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މާދަމާއިން ފެށިގެން ކުލާސްތައް ގެނެސްދޭން ނިންމާފައިވަނީ ޕީއެސްއެމްގެ މުންނާރު ޗެނަލް، ޔޭސް ޓީވީ އަދި ދިވެހި ޗެނަލުންނެވެ.

އެގޮތުން މުންނާރު ޗެނަލުން ގްރޭޑު ނުވައެއްގެ ދަރިވަރުންގެ ފިލާވަޅުތައް ގެނެސްދޭއިރު ގުރޭޑް 10ގެ ފިލާވަޅުތައް ގެނެސްދޭނީ ޔޭސް ޗެނަލުންނެވެ. އަދި 11 ގެ ފިލާވަޅުތައް ނަގައިދޭން ހަމަޖައްސާފައިވަނީ ދިވެހި ޗެނަލުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ސްކޫލުތައް މީގެ ކުރިން ބަންދުކުރުމަށްފަހު، އެހެން ގުރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނީ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށެވެ. އޭގެ ތެރޭގައި އެޑިއުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް ހިމެނެއެވެ.