ޚަބަރު

ކޮވިޑް 19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ހުރެގެން އާކްނޯބަލް ސަފާރީ މޮނިޓަރިންއަށް

އިބްރާހިމް ޒަކީ

ކޮވިޑް 19އަށް ޝައްކު ކުރެވޭ ދިވެއްސަކު ހުރެގެން އާކްނޯބަލް ސަފާރީ މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ ހާލަތާގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ހާމަކޮށްދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ސަފާރީން އަލާމާތްތައް ފެނުނު މީހާގެ ފަރާތުން ނެގި ސާޕްލަތްތަކުގެ ނަތީޖާ ލިބެންދެން އެ ސަފާރީ މޮނީޓަރިން އަށް ލާފައިވާ ކަަމަށެވެ.

އެ ސަފާރީގެ އިތުރުން ކޮވިޑް 19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ހުރެގެން، ތާޖް އެގްޒޯޓިކާ ރިސޯޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19 އަށް 16 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 11 މީހުުން ވަނީ އެބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހުންނާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހުންނާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހުންނާއި ސަފާރީ އަކުން ދެ މީހުންގެ އިތުރުން އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހުންނާއި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކާއި ކަރަންޓީންގެ މުއްދަތު ހަމަވި ފަހުން ރާއްޖެއިން އިޓަލީއަށް ފުރި އެގައުމުގެ ދެ މީހެކެވެ.