އިންޑިއަން ހައިކޮމިޝަން

500 ޓަނުގެ ހަކުރާއި 993 ޓަނުގެ ހަނޑޫ ރާއްޖެ ގެނެސްފި: އިންޑިއާ ހައިކޮމިޝަން

އިބްރާހިމް ޒަކީ

500 ޓަނުގެ ހަކުރާއި 993 ޓަނުގެ ހަނޑޫ ރާއްޖެ ގެނެސްފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންޑިއަން ހައިކޮޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެތަކެތި މާލެ ގެނެސްފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ކަމަށެވެ. އަދި އިތުރު 1500 ޓަނުގެ ހަނޑުލާއި، 500 ޓަނުގެ ހަކުރު ރާއްޖެ ގެނައުމުގެ މަގުމަތީގައި އެބަހުރި ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތް ހުއްޓުނަ ނުދީ ކުރިޔަށް ގެންދިއުމަށް ބޭނުންވާ 5000 ޓަނުގެ ސިމެންތި، ރާއްޖެއަށް ގެނައުމަށް ބަރު ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާ އަކީ، ކާޑުގެ ބާވަތްތަކާއި، ސިމެންތިއާއި ހިލަވެލީގެ ކަންތަކުގައި ރާއްޖެއާމެދު ލުއި ގޮތްތަކެއް ހަމަޖައްސައިގެން އެތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ގައުމެކެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ހުސެއިން އަމްރު މިއަދު ވިދާޅުވީ، މި ކާޑަކީ އެސްޓީއޯއިން ގަނެގެން ގެންނަ ކާޑުގެ ބާވަތްތައް ކަމަށާއި އެތަކެތި ރާއްޖެއަށް ފަސޭހަ ކަމާއެކު ގެނައުމުގެ ކަންކަން މި ހާލަތުގައި ހަމަޖެއްސުމަށް އިންޑިއާ ހައިކޮމިޝަނުން ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މި ކާޑަކީ އެސްޓީއޯއިން ގަނެގެން ރާއްޖޭގެ ރައްޔިތުންނަށް ގެންނަ ކާޑު. މިހާރު އިންޑިއާ ލޮކްޑައުންގައި އޮތުމުން ކަންކަން ފަސޭހަ ކޮށްދިނުމުގައި ހައިކޮމިޝަނުން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއްވާ." އަމްރު ވިދާޅުވި އެވެ.