މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 މާބަނޑު މީހަކަށް ޖެހިއްޖެ ނަމަ ރާއްޖޭގައި ދަރިފުޅު ވިއްސަން ކުރާނީ އޮޕަރޭޝަން ކަމަށް މަޝްހޫރު ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ ފައިސަލް އިއްޔެ ކުރެއްވި ޓުވީޓަކާއި ގުޅިގެން "ވަން" އަށް ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ނެރެފައިވާ ގަޑްލައިންގައި ބުނާ ގޮތުން ކޮވިޑް އަށް ޕޮޒިޓިވްވާ މާބަނޑު މީހާގެ ދަރިފުޅު ވިހެއުމުން ބާއްވާނީ މަންމައާ ވަކިން ކަމަށެވެ. އަދި މަންމަ ނެގެޓިިވް ވަންދެން 14 ދުވަހުގެ މުއްދަތަށް ބާއްވާނެ ކަމަށެވެ. ދަރިފުޅުގެ ޓެސްޓު ވެސް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ޑރ. ފައިސަލް އެޓުވީޓުގައި ވިދާޅުވެފައި ވަނީ ކުއްޖާއަށް ގާތުން ކިރު ނުދޭނެ ކަމަށާއި ކިރުދޭނީ ނަގާފައި ކަމަށެވެ. އަދި އެހުރިހާ ކަމެއްވެސް ކުރާނީ ދެމަފިރިންގެ އިޒުނައާއި އެކު ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެ ފައެވެ.
ކޮވިޑް19 ދުނިޔޭގައި ފެތުރެން ފެށުމާއި އެކު ޑރ. ފައިސަލް ގެންދަވަނީ އެބަލިން ރައްކާތެރިވުމަށްޓަކައި ކުރަން ޖެހޭ އެންމެ އާދައިގެ ކަންކަމުން ފެށިގެން ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި މައުލޫމާތު ޓުވިޓާ މެދުވެރިކުރައްވައި އާންމުންނާއި ހަމަޔަށް ގެނެސްދެއްވަމުންނެވެ.