ތާޖް އެގްޒޯޓިކާ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސް، ކޮވިޑް 19އަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމީހާ ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި ކަމަށާއި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް މިއަދު ވަނީ އިޓަލީގެ ދެ ފަތުރުވެރިޔަކު ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ އިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.