ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބުޝްއަކީ ޤައުމީ ޚިދުމަތުގައި ގިނަ އަހަރުތަކެއްވަންދެން ނަމޫނާ ދެއްކެވި ބޭފުޅެއް: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

އެމެރިކާގެ ކުރީގެ ރައީސް، ޖޯޖް ހަރބަރޓް ވޯކަރ ބުޝްއަކީ ޤައުމީ ޚިދުމަތުގައި ގިނަ އަހަރުތަކެއްވަންދެން ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝް އަވަހާރަވުމާއި ގުޅިގެން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާ ވިދާޅުވެ މިއަދު ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝް އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައްޔިތުންނަށާއި އަދި ހާއްސަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝްއަކީ ޤައުމީ ޚިދުމަތުގައި ގިނަ އަހަރުތަކެއްވަންދެން ނަމޫނާ ދެއްކެވި ހިތްވަރުފުޅު ގަދަ، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

މީގެއިތުރުން، ރައީސް ބުޝްވަނީ 2005 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއެކު ރާއްޖެ ވަޑައިގެން، 2004 ވަނަ އަހަރު ކުރިމަތިވި ފަނާކުރަނިވި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކާއި ބައްދަލުކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ބުޝްގެ ބާރުއެޅުއްވުމާއެކު ސުނާމީއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އދ އިން ރާއްޖެއަށް އިތުރު އެހީތައް ލިބުމަށް މަގުފަހިވެގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވައި ވިދާޅުވީ އެކަމުގެ ސަބަބުން ގިނަ ދިވެހިންގެ ހިތްތަކުން ރައީސް ބުޝްއަށް ހާއްސަ ޖާގައެއް ދެވިފައިވާކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝްއަކީ އެގައުމުގެ 41 ވަނަ ރައީސްއެވެ. ރައީސް ޖޯޖް ބުޝް އިއްޔެ އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.