އަލީ ޔާމިން
ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ރެސިޑެންސް މޯލްޑިވްސް ދިގުރަށާއި ފިލިތެޔޮ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ދިގުރަށް ރިސޯޓުން ދެ ދިވެެއްސެއްގެ ކިބައިން އަލާމާތްތައް ފެނިފައިވާތީ މިހާރު ޓެސްޓް ކުރަމުންދާ ކަމަށާއި އެ ދެ މީހުންގެ ނަތީޖާ ލިބެންދެން ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ފިލިތެޔޮ ރިސޯޓުން ބިދޭސީއަކާއި ދިވެއްސެއްގެ ގައިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ފެނިގެން ޓެސްޓުކުރަމުން އަންނަ ކަމަށާއި ނަތީޖާ ލިބެންދެން ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްކޫރު ވިދާޅުވީ އެ ހަތަރު މީހުންނާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16އަށް އަރައިފައެވެ. އޭގެ ތެރޭގައި 38 އަހަރުގެ ދިވެއްސަކު ވެސް ހިމެނެއެވެ. ދެން ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. އޭގެ ތެރެއިން އިޓަލީ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ރާއްޖެއިން ފުރައިގެން އެމީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ. މިވަގުތު ކޮވިޑް 19އަށް ރާއްޖެއިން ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. ނުވަ މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.