ޚަބަރު

ޕޮޒިޓިވްވި ދެމީހުންނާ ގުޅިގެން އެމްއެންޑީއެފް، އެމްއޭސީއެލްގެ މުވައްޒަފުން ހިމެނޭގޮތަށް ގިނަ ބަޔަކު އައިސޮލޭޝަނަށް

އަލީ ޔާމިން

އިޓަލީއަށް ފުރި ފަހުން ޕޮޒިޓިވްވި ދެމީހުންނާ ގުޅިގެން އެމްއެންޑީއެފް އާއި އެމްއޭސީއެލްގެ މުވައްޒަފުން ހިމެނޭގޮތަށް ގިނަ ބަޔަކު އެކަހެރިކޮށްފިއެވެ.

ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، އިޓަލީއަށް ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެމީހުންނަކީ މީގެ ކުރިންވެސް ދެމީހަކު ޕޮޒިޓިވްވި އިޓަލީގެ އައިލެންޑް ސަފާރީގައި ޗުއްޓީ ހޭދަކުރި ދެ ފަތުރުވެރިން ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ފްލައިޓު ފުރި ފަހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ ދެމީހުން ކޮވިޑް 19އަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި އެގޮތުން އެމްއެންޑީއެފާއި އެމްއޭސީއެލް ހިމެނޭހެން ގިނަ ބަޔަކު އެކަހެރިކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"..150 މީހުންގެ ލިސްޓެއް ނެގުނީ. 150 މީހުންގެ ޕޮޓެންސިއަލް ލިސްޓެއް ނައިގެން ރިކްސް އައިޑެންޓިފައި ކުރެވެމުންދަނީ މިހާތަނަށް އިޓަލީގެ ކޮންސިއުލޭޓްގެ ބަޔަކާއި އެމްއެންޑީއެފްގެ ބަޔަކާއި އޭރޯ ފްލައިޓް އޮޕަރޭޝަންގެ ބަޔަކާއި އެމްއޭސީއެލްގެ ބަޔަކާއި އައިސޮލޭޝަންގައި އެބަތިބި." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެ ދެ މީހުން ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނީ ކަރަންޓީނުގައި ތިބޭތާ މިއަދަށް 14 ދުވަސް ވެފައިވާތީ ކަމަށެވެ. އަދި ފުރި އިރުވެސް ބަލީގެ އެއްވެސް އަލާމާތެއް އެމީހުންގެ ކިބައިން ނުފެންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އިޓަލީގެ ރައްޔިތުން ބަލައި މިއަދު ރާއްޖެ އައި އިޓަލީގެ ފްލައިޓުން އައިލެންޑް ސަފާރީގެ ގެސްޓުންނާއި ކުރޫއިން ހިމެނޭހެން ޖުމްލަ 358 މީހަކު ފުރުވާލެވިފައިވާ ކަމަށެވެ.

މިއަދު ވަނީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. މަބްރޫކް ވިދާޅުވީ، އޭނާއާ ކޮންޓެކްޓްވި މީހުންވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެ މީހުންނާއި މިއަދު އެބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާ ހިމެނޭހެން ރާއްޖެއިން 16 ފަރާތަކަށް ވަނީ ކޮވިޑް 19 ޖެހިފައެވެ. މީގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.