ޚަބަރު

އިޓަލީއަށް ފުރި ދެމީހުން ޕޮޒިޓިވްވިކަން އެނގުނީ ދިރާސާ ބޭނުމަށް ކުރި ޓެސްޓަކުން!

އަލީ ޔާމިން

އިޓަލީއަށް ފުރި ދެމީހުން ޕޮޒިޓިވްވިކަން އެނގުނީ ދިރާސާ ބޭނުމަށް ކުރި ޓެސްޓަކުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާން ކަނޑައަޅާފައި ހުންނަވާ މަންދޫބު މަބްރޫކް އަޒީޒު ވިދާޅުވީ، މިއަދު ރާއްޖެއިން އިޓަލީއަށް ފުރި ފަތުރުވެރިން ފުރީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހުގައި ކަމަށާއި އޭގެ ތެރެއިން ދެ ފަތުރުވެރިން ކޮވިޑް 19އަށް ޕޮޒިޓިވްވި ކަން އެނގުނީ ދިރާސާ ބޭނުމަށް ކުރި ޓެސްޓަކުން ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ބެސްޓް ޕްރެކްޓިސްއަކީ 14 ދުވަސް ވަންދެން ކަރަންޓީންގައި ބެހެއްޓުމަށް ފަހު އަލާމާތެއް ނުފެންނަ ނަމަ ފުރައިގެން ދިއުމުގެ ހުއްދަ ދިނުން. ނަމަވެސް ރާއްޖޭގެ ޑޮކްޓަރުން ބަލަން ބޭނުންވީ އެ ޕޮލިސީ އެގޮތުގައިތޯ ބާއްވާނީ، ސްޕެޝިއަލީ ހައިރިސްކް ގައުމުތަކުން އައިސްފައި ތިބޭ ފަތުރުވެރިންގެ ކޭސްތަކުގައި. މިގޮތުން އެ ބޭފުޅުން ބޭނުންވީ ސާމްޕަލް ނަގަން. ސާމްޕަލް ނެގިއިރު ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި." މަަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން ފުރައިގެންދިޔަ ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވަނީ އައިލެންޑް ސަފާރީގެ ދެ ފަތުރުވެރިން ކަމަށެވެ. އެ ސަފާރީން މީގެ ކުރިންވެސް ވަނީ ދެ ފަތުރުވެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެމީހުން ފުރައިގެން ދިޔައިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ފްލައިޓު ވައިގެ ތެރޭގައި އޮއްވައި ކަމަށެވެ.

އެ ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ އިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.