އިޓަލީއަށް ފުރި ދެ މީހުން ޕޮޒިޓިވްވިކަން ފުލައިޓަށް އަދި އޭނާ ދާ ގައުމުގެ އެއާޕޯޓަށް އަންގާފައިވާނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ އިޓަލީގެ ދެ ފަތުރުވެރިން ޕޮޒިޓިވްވިކަން އެނގުމާ ގުޅިގެން އަމަލުކުރަން ޖެހޭ އުސޫލުގެ ދަށުން މަސައްކަތްތައް ފެށުނު ކަމަށާއި އަދި އެމީހުންނާ ކޮންޓެކްޓުވި މީހުން ބަލަމުންގެންދެވުނު ކަމަށެވެ.
"އަޅުގަނޑުމެން ފުލައިޓަށް އެ މައުލޫމާތުދީ، ފުލައިޓުގައި ނަގަން ޖެހޭ ފިޔަވަޅުތައް ނެގުމަށްޓަކައި އެ ކޮމިއުނިކޭޝަން ވެސް ކުރެވުނު. އަދި އެ ފުލައިޓު ދާ ޑެސްޓިނޭޝަނަށް ވެސް އެ މައުލޫމާތު ދެވުނު. މި މައުލޫމާތުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތް މިހާރު މިދަނީ ކުރަމުން،" އޭނާ ވިދާޅުވިއެވެ.
މައިމޫނާ ވިދާޅުވީ އެ ދެމީހުން މިއަދު ފުރައިގެން ދިޔައީ ކަރަންޓީނުގައި 14 ދުވަހު ހުރުމަށްފަހު ކަމަށާއި ރާއްޖޭގެ ކޮވިޑް 19 އޮތް މިންވަރު ދެނެގަތުމަށްޓަކައި އާންމު އުސޫލާ ހިލާފަށް ވެސް ޓެސްޓުކުރެވޭ ކަމަށެވެ. އެގޮތުން ޓްރެވަލް ހިސްޓަރީއެއް ނެތް ދިވެހިން ވެސް ޓެސްޓުކުރަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިޓަލީން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ދެ މީހުންނަކީ ކުރިންވެސް ޕޮޒިޓިވްވި ދެމީހަކު ފެނުނު އައިލެންޑް ސަފާރީގައި ތިބި ދެމީހެކެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުންގެ ޓެސްޓުގެ ނަތީޖާ ލިބުނީ އެމީހުން ފުލައިޓުގައި ތިއްބައި ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16އަށް އަރައިފައެވެ. އޭގެ ތެރޭގައި 38 އަހަރުގެ ދިވެއްސަކު ވެސް ހިމެނެއެވެ. ދެން ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. އޭގެ ތެރެއިން އިޓަލީ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ރާއްޖެއިން ފުރައިގެން އެމީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ. މިވަގުތު ކޮވިޑް 19އަށް ރާއްޖެއިން ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. ނުވަ މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.