އައިލެންޑް ސަފާރީގެ ދެ ކެޕްޓަންގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި އެހެން ހުރިހާ މީހުންގެ ނަތީޖާ ނެގަޓިވް ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބުރޫކް އަޒީޒް ރޭ ވިދާޅުވީ، ރާއްޖެއިން ފުރިފަހުން ކޮވިޑް 19އަށް ޕޮޒިޓިވް ވިކަން އެނގުނު ދެ ފަތުރުވެރިޔަކީ އިޓަލީގެ ދެ ފަތުރުވެރިން ކަމަށާއި، އެމީހުންނަކީ އައިލެންޑް ސަަފާރީގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިން ކަމަށެވެ. އައިލެންޑް ސަފާރީން މީގެ ކުރިންވެސް ވަނީ ކޮވިޑް 19އަށް ދެ ފަތުރުވެރިޔަކު ޕޮޒިޓިވް ވެފައެވެ.
މިމަހުގެ 15 ވަނަ ދުވަހު އައިލެންޑް ސަފާރީން ދެ މީހުން ކޮވިޑް 19އަށް ޕޮޒިޓިވްވިއިރު އޭގައި ތިބީ 32 މީހުން ކަމަށާއި، ޕޮޒިޓިވްވި މީހުން މިމަހުގެ 16 ވަނަ ދުވަހު ފަރުކޮޅުފުށްޓަށް ގެންގޮސްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ، ބޯޓުގައި ބާކީ ތިބި 30 މީހުންގެ ތެރެއިން ބޯޓުގެ ދެ ކެޕްޓަނުން ފިޔަވައި އެހެން އެންމެން އެކި ދުވަސްމަތިން ވިލިވަރުގައި ކަރަންޓީންކޮށްފައިވާ ކަމަށެވެ. ވިލިވަރުގައި ކަރަންޓީން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 14 ކުރޫއިންނާއި 14 ގެސްޓުންނެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިޓަލީ ފްލައިޓުން ފުރާފައިވަނީ ކަރަންޓީނުގައި ތިބި އައިލެންޑް ސަފާރީގެ 12 ގެސްޓުންނާއި އިޓަލީގެ ތިން ކުރޫ މެންބަރުން ކަމަށެވެ. އެހެންކަމުން މިހާރު ވިލިވަރުގައި ތިބީ ދެ ގެސްޓުންނާއި 11 ކުރޫ މެންބަރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އިއްޔެ ފުރި އައިލެންޑް ސަފާރީގެ މީހުންގެ ތެރެއިން ދެ މީހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނީ ފްލައިޓު ވައިގެ ތެރޭގައި އޮއްވައި ކަމަށެވެ. އަދި ޕޮޒިޓްވި ދެ މީހުންނާއި، އައިލެންޑް ސަފާރީގައި މަޑުކޮށްގެން ތިބި ދެ ކެޕްޓަނުން ފިޔަވައި އެހެން އެންމެންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު ނަތީޖާ ނުލިބެނީ ބޯޓުގައި މަޑުކޮށްގެން ތިބި ކެޕްޓަނުންގެ. އެހެން މީހުންގެ ނަތީޖާ ނެގެޓިވް" މަބްރޫކް ވިދާޅުވިއެވެ.