އަލީ ޔާމިން
ޕޮޒިޓިވްވި އިޓަލީގެ ދެ މީހުން ފުރި އިރުވެސް އެމީހުންގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނީ އައިލެންޑް ސަފާރީން ދަތުރުކުރި ދެ ފަތުރުވެރިން ކަމަށެވެ. އަދި އެ ދެމީހުންނަކީވެސް އިޓަލީ މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެމީހުން ރާއްޖެއިން މިއަދު ފުރާފައިވަނީ އިޓަލީ ސަރުކާރުން ރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމަށް ބޭއްވި ހާއްސަ ފްލައިޓެއްގައި ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ފްލައިޓް ވައިގެ ތެރޭގައި އޮއްވައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ދެ މީހުންވެސް ކަރަންޓީނުގައި ތިބޭތާ މިއަދަށް 14 ދުވަސް ވެފައިވާ ކަމަށާއި މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ 14 ދުވަސް ވަންދެން ކަރަންޓީނުގައި ހުރުމަށްފަހު ބަލީގެ އަލާމާތެއް ނުފެންނަ ނަމަ ފުރައިގެން ދިޔުމުގެ ހުއްދަ ދިނުން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފުރުމުގެ ހުއްދަ ދިނީ އެގޮތުގެ މަތީންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާތަނަށް މަސައްކަތް ކުރާ ޕްރޮސީޖާގެ ދަށުން އަޅުގަނޑުމެން ބުނަނީ ކޮންޓެކްޓެއް ވެފައި ހުންނަ މީހަކު 14 ދުވަސް ވަންދެން އައިސޮލޭޝަންގައި ހުރުމަށް ފަހު ބަލީގެ އަލާމާތެއް ނުފެންނަންޏާ އޭނައަށް ފުރައިގެން ދެވޭނެއޭ. އަޅުގަނޑު ސާފުކޮށް ބުނަން ބޭނުން މިއަދު މި ބޯޓުން ފުރައިގެން ދިޔަ އެކަކުގެ ކިބައިންވެސް ބަލީގެ އަލާމާތެއް ފެންނާކަށެއް ނެތް." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި މަސައްކަތް ކުރާ ޓެކްނިކަލް ޓީމުގެ ލަފާގެ މަތިން ނެގުނު ސާމްޕަލުން ކަމަށެވެ.
"އެއީ ސަފާރީއަކަށް ވެފައި، އެ އެންމެންނަކީ ކައިރިކޮށް ތިބޭނެ ބަޔަކަށް ވާތީ އާއި ވެސް އެކީގައި ނިންމީ ސާމްޕަލް ނަގަން. ނެގިއިރު ސަފާރީގައި ބާކީ ތިބި އެންމެންގެ ސާމްޕަލް ނެގެޓިވް. މި ދެ މީހެއްގެ ސާމްޕަލް އޮތީ ޕޮޒިޓިވް ވެފައި." މަބްރޫކް ވިދާޅުވިއެވެ.
އެ ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެއެވެ. އެ ދިވެހި މީހާއަކީ އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 38 އަހަރުގެ ފިރިހެނެކެވެ. ރާއްޖޭން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.