އަލީ ޔާމިން
އިޓަލީގެ ދެ މީހުން ޕޮސިޓިވްވިކަން އެނގުނީ އެމީހުން ފުލައިޓުގައި ތިއްބައި ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، މި ދެމީހުންނަކީ ރާއްޖެ އައި އިޓަލީގެ ސަފާރީއެއްކަށްވާ އައިލެންޑް ސަފާރީގައި ތިބި ދެމީހުން ކަމަށާއި އެމީހުން ރާއްޖެއިން މިއަދު ފުރާފައިވަނީ އިޓަލީ ސަރުކާރުން ބޭއްވި ހާއްސަ ފްލައިޓެއްގައި ކަމަށެވެ. އަދި އެދެމީހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ފްލައިޓު ފުރި ފަހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އެ ބޯޓު ވައިގެ ތެރޭގައި ވަނިކޮށް އަޅުގަނޑުމެންނަށް މީގެ ނަތީޖާތައް ލިބިފައިމިވަނީ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ދެ މީހުންވެސް ކަރަންޓީނުގައި ތިބޭތާ މިއަދަށް 14 ދުވަސް ވެފައިވާ ކަމަށާއި އެގޮތުން މިހާރު އަމަލު ކުރަމުން އަންނަ ޕްރޮސީޖާއަކީ 14 ދުވަސް ވަންދެން ކަރަންޓީނުގައި ހުރުމަށްފަހު ބަލީގެ އަލާމާތެއް ނުފެންނަނަމަ ފުރައިގެން ދިޔުމުގެ ހުއްދަ ދިނުން ކަމަށެވެ.
އެގޮތުން މިއަދު އެމީހުން ފުރިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އެ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އެ މީހުންނަކީ ސަފާރީއެއްގައި އެއްކޮށް ތިބޭ މީހުންނަށް ވާތީ ރާއްޖޭގެ ޓެކްނިކަލް ޓީމުގެ ލަފާގެ މަތިން ނެގި ސާމްޕަލްއަކުން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިއަދު އައި އިޓަލީ ފްލައިޓުން އައިލެންޑް ސަފާރީގެ ގެސްޓުންނާއި ކުރޫއިން ހިމެނޭހެން ޖުމްލަ 358 މީހަކު ފުރުވާލެވިފައިވާ ކަމަށެވެ.
އެ ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ އިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.