އަލީ ޔާމިން
މުޅި ދުނިޔޭގެ ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން މައުލޫމާތުދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިންތިޒާމުކޮށްގެން ބޭއްވި މައުލޫމާތު ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މައުލޫމާތު ސެޝަންގައި ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މައުލޫމާތު ސެޝަނުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮން ގެބްރޭސުން ވަނީ ކޮވިޑް 19އާ ގުޅިގެން ދުނިޔޭގައި ހާލަތު މިހާރު އޮތް ގޮތުގެ ކުޑަ ހުލާސާއެއް ދެއްވައިފައެވެ.
މީގެ އިތުރުން މި މައުލޫމާތު ސެޝަނުގައި ވަނީ ކޮވިޑް 19އާ ދެކޮޅަށް ބައެއް ގައުމުތަކުން އަޅައިފައިވާ ފިޔަވަޅުތައް ހިމެނޭ ޕްރެސެންޓޭޝަންތައް ދައްކައިފައެވެ. އެގޮތުން ކޮވިޑް 19 ފުރަތަމަ ފެތުރެން ފެށި ޗައިނާ އާއި ޖަޕާނާއި ސައުތު ކޮރެއާ އަދި ސިންގަޕޫރުން އެ ވައިރަހުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ސެޝަނުގެ ބައިވެރިންނަށް ޕްރެސެންޓޭޝަނެއް މެދުވެރިކޮށް ކިޔައިދީފައެވެ.
ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް މިއަދު ވަނީ އިޓަލީގެ ދެ ފަތުރުވެރިޔަކު ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފައެވެ. އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ އިރު، ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.