ހައުސިން ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދޭ ނަމަ، ކުއްޔަށް އުޅޭ ފަރާތްތަކުން ދައްކަންޖެހޭ ކުލި ކުޑަކުރަން ސަރުކާރުން ޝަރުތުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރުގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
އީސަ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާ އިރު، ކޮވިޑް 19އާ ގުޅިގެން އިގުތިސާދީ ގޮތުން ލިބޭ ގެއްލުންތައް ފޫބުއްދުމަށް ސަރުކާރުން ވަނީ ބޭންކުތައް މެދުވެރިކޮށް ލުއިތަކެއް ހޯދައިދީފައެވެ. އަދި ސަރުކާރުން ހިންގާ ހައުސިން ސްކީމުތަކަށް ފައިސާ ދެއްކުން ވެސް ހަ މަހަށް ފަސްކޮށްދީފައިވެއެވެ.
އީސަ ވިދާޅުވީ ސަރުކާރު މެދުވެރިވެގެން ބޭންކުތަކަށް ލުއި ހޯދައިދީ، ބޭންކުތަކުން ދޫކޮށްފައިވާ ހައުސިން ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކުރާ ނަމަ، އެންމެ ކުޑަވެގެން 30 ޕަސަންޓުގެ ލުޔެއް ކުއްޔަށް އުޅޭ ފަރާތްކަށް ދޭންވާނެ ކަމަށާއި އަދި އެކަމަށް ސަރުކާރުން ޝަރުތުކުރަންވާނެ ކަމަށެވެ.
"ސަރުކާރު މެދުވެރިވެގެން ބޭންކުތަކަށް ލުއި ހޯދައިދީ، ބޭންކުތަކުން ދޫކޮށްފައިވާ ހައުސިން ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް މެދުކަނޑާލާނަމަ، އެއާ އެކަށީގެންވާ، އެންމެ ކުޑަވެގެން 30 ޕަސަންޓުގެ ލުޔެއް ކުއްޔަށް އުޅޭ ފަރާތްކަށް ދޭންވާނެ. އެކަމަށް ސަރުކާރުން ޝަރުތުކުރަންވާނެ." އީސަ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައެވެ.
ލުއި ހޯދައިދިނުމަށް ސަރުކާރުން ބޭންކުތަކާ މަޝްވަރާކުރަމުން އަންނަ އިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފައެވެ.