ޚަބަރު

ޗައިނާގެ އަމިއްލަ ފަރާތްތަކުން ދޭ އެހީ ރާއްޖެ ގެންނަން ފުލައިޓެއް ޗާޓަރު ކުރެވޭތޯ މަޝްވަަރާ ކުރަނީ

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން އަލިބާބާގެ ފައުންޑަރު ޖެކް މާ އާއި ޗައިނާގެ އަމިއްލަ އެހެން ފަރާތްތަކުން ދޭ އެހީ ރާއްޖެއަށް ގެނައުމަށްޓަކައި ފުލައިޓެއް ޗާޓަރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި އެހީގެ ފުރަތަމަ ޝިޕްމެންޓާ ސަރުކާރުން ހަވާލުވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޗައިނާ ސަރުކާރުގެ އެހީތައް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި މިއަދު ރާއްޖެ ގެނައި އެހީގެ ޝިޕްމެންޓްގައި ހިމެނެނީ މިވަގުތު ޗައިނާގެ މާކެޓުގައި ލިބެން ހުރި ތަކެތި ކަމަށާއި ބާކީ ހުރި ޝިޕްމަންޓުތައް ލަސްވަމުންދަނީ އޭގައި ހިމެނޭ ތަކެއްޗަކީ މިހާރު އުފައްދަމުން އަންނަ ތަކެއްޗަށް ވުމުން ކަމަށެވެ.

"ކޮވިޑް 19އާ ގުޅިގެން ޗައިނާގެ އިންތިސާދަށްވެސް ބޮޑު ލޮޅުންތަކެއް އައި. ކޮވިޑް 19ގެ ހާލަތުން ގައުމު އަރައިގަންނަމުން އަންނައިރު ތަކެތި އުފެއްދުމުގެ މަސައްކަތްތައް އަންނަނީ ވަރަށް ބާރަށް ކުރަމުން،" ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ، ޗައިނާގެ ބައެއް އަމިއްލަ ފަރާތްތަކުންވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި އެހެންކަމުން އެ އެހީތައް ރާއްޖެ ގެނެވުމަށް ޗާޓަރު ފުލައިޓެއް ބޭއްވުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

"އަލިބާބާގެ ބާނީ ޖެކް މާ ވެސް ވަނީ އިއުލާނުކޮށްފައި ރާއްޖެއަށް އެހީދޭނެ ކަމަށް. ރާއްޖޭގައި ހުރި ޗައިނާގެ ކުންފުނިތަކުން ވެސް އެހީ ގެންނަން މަސައްކަތް ކުރަމުން އެ ދަނީ. އެ ހުރިހާ އެހީތައް އެއްފަހަރާ ގެންނަން ފްލައިޓެއް ޗާޓަރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން މިދަނީ." ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކާއެކު އެތަކެތި ރާއްޖެ އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އުންމީދަކީ އަވަސް މުސްތަގުބަލެއްގައި އެތަކެތި ރާއްޖެ އައުން ކަމަށެވެ. އަދި ޗައިނާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ، ޖެކް މާ ދިނުމަށް ނިންމާފައިވާ އެހީ ރާއްޖެއަށް ގެންނާނީ ސިންގަޕޫރު މަގުން ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ އެހީގެ ޝިޕްމަންޓްގައި ހިމެނެނީ:

  • ސްޓެރައިލް ރަބާ ސާޖިޖަލް ގްލަވްސް (އެއްފަހަރު ބޭނުންކުރެވޭ): 10،000
  • ޕްރޮޓެކްޓިވް ގޮގްލްސް: 200
  • މެޑިކަލް ޕްރޮޓެކްޓިވް މާސްކް: 10،080
  • ސާޖިކަލް މާސްކް: 30،000
  • ޕްރޮޓެކްޓިވް ކްލޯތިން: 500
  • ސްޓެތަސްކޯޕް: 500

އަލިބާބާގެ ފައުންޑަރު ޖެކް މާ ވަނީ ކޮވިޑް 19އާ ގުޅިގެން އޭޝިއާގެ ގައުމުތަކުގެ އިތުރުން ލެޓިން އެމެރިކާގެ ގައުމުތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފައެވެ.