ޚަބަރު

ބަންދު ދުވަސްތަކުގައި ވިސާގެ މުއްދަތު ހަމަވާ ފަރާތްތައް ސަރުކާރު ހުޅުވޭތާ ދިހަ ދުވަސްތެރޭގައި ވިސާ އާކުރަން ޖެހޭނެ

އަލީ ޔާމިން

ސަރުކާރު ބަންދު ދުވަސްތަކުގައި ވިސާގެ މުއްދަތު ހަމަވާ ފަރާތްތައް ސަރުކާރު ހުޅުވޭތާ ދިހަ ދުވަސްތެރޭގައި ވިސާ އާކުރަން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އާ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ، ވޯކް ވިސާ ފީ ދެއްކިފައިނުވާ ފަރާތްތައް ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަން ފަށާ ދުވަހުން ފެށިގެން ދިހަ ދުވަހުގެ ތެރޭގައި އެފަރާތްތަކުގެ މައުލޫމާތު އެ މުއައްސަސާއަށް ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ވޯކް ވިސާ ފިޔަވައި، އެހެން ވިސާތަކުގައި ރާއްޖޭގައި ތިބި ފަރާތްތަކުގެ ތެރެއިން ސަރުކާރު ބަންދު މުއްދަތުގެ ތެރޭގައި ވިސާގެ މުއްދަތު ހަމަވާ ފަރާތްތައް، ރަސްމީކޮށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ކުރަން ފަށާ ދުވަހުން ފެށިގެން ދިހަ ދުވަހުގެ ތެރޭގައި ވިސާ އާ ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ސަރުކާރުގެ އިދާރާތައް ރަސްމީކޮށް ބަންދުކުރަން ނިންމާފައިވާ މުއްދަތުގެ ތެރޭގައި، އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބި ވިސާ އާ ނުކުރެވިވާ ފަރާތްތަކާއި އެހެނިހެން ވިސާތަކުގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ތެރެއިން ސަރުކާރު ބަންދު ދުވަސްތަކުގައި ވިސާ ހަމަވާ ފަރާތްތައް ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާނަމަ، އެފަރާތްތައް ސްޕޮންސާ ކޮށްފައިވާ ފަރާތުން އައިއެމް 34 ނަންބަރު ފޯމު "އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ" ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ބޭނުންވާ ލިޔެކިއުން ހަމަކޮށް، އެއާޕޯޓަށް ދިއުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފުރުވާލުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރާ ފަރާތްތަކަށް ޖޫރިމަނާ ފައިސާއާއި ނުލައި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވިސާ އަދި ވިސާ ފީގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އިމިގްރޭޝަނުގެ ނަންބަރުތަކަށް ގުޅުމަށް އެ މުއައްސަސާ އިން އެދެއެވެ.

އިމިގްރޭޝަންގެ ނަންބަރު: 9199153 (ވޯކް ވިސާ)

އިމިގްރޭޝަންގެ ނަންބަރު: 9199157 (ވޯކް ވިސާ ނޫން އެހެން ވިސާތައް)

އެއާޕޯޓް އިމިގްރޭޝަން އޮފީސް ނަންބަރު: 9555222