ޚަބަރު

ކޮވިޑް 19 : އައްޑޫ ސިޓީގެ ފިހާރަތައް ވަކި ގަޑިއެއްގައި ބަންދުކުރަން އެންގުމަށް ނެރުނު އިއުލާން ބާތިލުކޮށްފި

އައްޑޫ ސިޓީގެ ފިހާރަތައް ވަކި ގަޑިއެއްގައި ބަންދުކުރަން އެންގުމަށް ނެރުނު އިއުލާން ބާތިލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ފިހާރަތައް ވަކިގަޑިއެއްގައި ބަންދުކުރަން އެންގުމަށް މިދިޔަ ބުދަ ދުވަހު އިއުލާން ނެރެފައިވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އައްޑޫ ސިޓީގެ ކޮވިޑް 19 ޓާސްކްފޯސް އިން ނިންމި ނިންމުންތައް ތަންފީޒުކުރުމަށް ކަމަށެވެ.

ކުރިން ނެރުނު އިއުލާނާ ގުޅިގެން އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެކަމަށް އިޖާބަދީ، އެގޮތުގެ މަތިން އަމަލުކޮށްފައިވާތީ ޝުކުރު ދަންނަވާ ކަމަށާއި ނަމަވެސް މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެފަދަ ފިޔަވަޅެއް އަޅާނެ ފަދަ ހާލަތެއް އޮތް ކަމަށް އެޗްޕީއޭ އިން ނުދެކޭތީ ފިހާރަތައް ވަކި ގަޑިއެއްގައި ބަންދުކުރަން ނިންމިކަން އެންގުމަށް ނެރުނު އިއުލާން ބާތިލުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އެ އިއުލާނު ބާތިލުކުރި ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަށް ރުޖޫއަވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ހިދުމަތްދޭ ކުލިނިކުތަކާއި ބޭސްފިހާރަތައް ފިޔަވައި އާންމު ހިދުމަތްދޭ ތަންތަނުން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން) ހިދުމަތް ދިނުމުގައި ހެނދުނު 6:00 އިން ހަވީރު 6:00 އާ ދެމެދު ހިދުމަތް ދިނުމަށް އިސްކަންދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރައްޔިތުން ދުވާލުގެ ވަގުތުގައި ވިޔަފާރިކޮށް ނިންމުމަށް ވެސް އިލްތިމާސްކުރެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންގެންދާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތައް ތަންފީޒުކުރުމަށް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތުގެ މަތިން ކޮވިޑް 19އާ ގުޅިގެން ރައްޔިތުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދެމިތިބޭނެ ކަމަށެވެ.